Sunday, February 1, 2009

އިންފްލޭޝަން މައިތިރިކުރުނ

ރާއްޖޭގެ އިޤްތިޞާދާއިމެދު ވާހަކަތަކުގައި ފަހަކަށްއައިސް އެންމެ ގިނައިން އިވޭ ވާހަކައަކީ މުދަލާއި ޚިދުމަތުގެ އަގުތައް (އިންފްލޭޝަން) މައްޗަށްދާވާހަކައެވެ. ނޫސްތަކުގައިވެސް އެންމެ ބޮޑަށް ފާޑުކިޔަމުންދަނީ ރާއްޖޭގައި އިންފްލޭޝަން މައްޗަށްދާކަމާއިމެދުއެވެ. އަދި އިންފްލޭޝަން މައްޗަށް ދިއުމުގެ ސަބަބުތައްވެސް ބަޔާންކުރަމުންދެއެވެ.
އިންފްލޭޝަންއަކީ ކޮބައިހެއްޔެވެ؟ އިންފްލޭޝަންއާއިމެދު އެހާބޮޑަށް ކަންބޮޑުވާންޖެހެނީ ކީއްވެގެން ހެއްޔެވެ؟ މިސުވާލުތަކުގެ ޖަވާބު އެންމެ ރަގަޅަށް އޮޅުންފިލުވައިދޭން އެގޭނީ ލެޓިން އެމެރިކާގެ ޤައުމުތަކުގެ މީހުންނަށެވެ. ބޮލީވިއާފަދަ ޤައުމުތަކުގައި އަށްޑިހައިގެ އަހަރުތަކުގައި އިންފްލޭޝަން ރޭޓް %600 އަށްވެސް އަރައިގެން ދިޔައެވެ. ދުވާލަކު ތިންހަތަރުފަހަރު ތަކެތީގެ އަގުތައް މައްޗަށް އަރައިގެންދެއެވެ. ކޮފީތައްޓެއްގެ އަގުވެސް މިލިއަނަށް އަރައިގެން ދިޔައެވެ. ފައިސާގެ އެއްވެސް އަގެއް ނެތިގެންގޮސް، ރައްޔިތުން ފަޤީރުކަމުގެ ޙާލަތަށް ވެއްޓި، އިޤްތިޞާދަށް ބޮޑުވަބާއަކަށް ވެގެންދިޔައެވެ.

މީގެ އިތުރުން 70 ގެ ކުރީކޮޅު އެމެރިކާ، އިގިރޭސިވިލާތް، ، އަދި ޖަޕާން ގައިވެސް އިންފްލޭޝަން މައްޗަށްދާންފެށިއެވެ. އަދި މިހާރު ރާއްޖޭގައި ވާހަކަދެކެވޭ ފަދައިން މީހުން މިކަމާއި ކަންބޮޑުވުން ފާޅުކުރަމުން ދިޔައެވެ. އަދި އަގުތައް މައްޗަށްދާ ސަބަބުތަކުގެ ގޮތުގައި ތަފާތު ވާހަކަތައް ދެކެވެމުން ދިޔައެވެ. އެމެރިކާ ސަރުކާރުން ބުނަމުން ދިޔައީ ކުންފުނިތަކުން މުސާރަތައް ބޮޑުކުރުމުގެ ސަބަބުން އިންފްލޭޝަން އިތުރަށް މައްޗަށް ދަނީކަމުގައެވެ. އަނެއްބަޔަކު ބުނީ އިންފްލޭޝަން މައްޗަށްދަނީ އިމްޕޯރޓްކުރެވޭ މުދަލުގެ ސަބަބުންކަމުގައެވެ. ބޭރުދުނިޔޭގައި އަގުތައް މައްޗަށް ދާތީވެ، އިންފްލޭޝަން މަތިވަނީކަމުގައެވެ. ބައެއް ޤައުމުތަކުގެ ސަރުކާރުން ގޯސްކުރަމުންދިޔައީ ޢަރަބި ތެޔޮ އުފައްދާ ޤައުމުތަކެވެ. އެއީ، ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން އިންފްލޭޝަން މައްޗަށްދަނީކަމަށެވެ. އެކަކު އަނެކަކުގެ ބޮލަށްޖަހަމުން ދިޔައެވެ. އިންފްލޭޝަންގެ ވަބާއިން އެމެރިކާއާއި އިގިރޭސިވިލާތް ސަލާމަތްނުވެވިގެން އުޅެނިކޮށް ޖަޕާން އިންފްލޭޝަންއިން ސަލާމަތްވެ، އެހެނިހެން ޤައުމުތަކަށް މިސާލަކަށްވެގެންދިޔައެވެ. ޖަރުމަނަކީ ޤައުމަށްބޭނުންވާ ހުރިހާ ތެލެއް އެތެރެކުރަމުންދިޔަ ޤައުމެކެވެ. އެކަމަކު ޖަރުމަނުގައި އޭރު އިންފްލޭޝަންގެ މައްސަލަ ކުރިމައްޗެއްނުވެއެވެ. އެހެންވީމަ އިންފްލޭޝަން މައްޗަށްދަނީ ކޮންސަބަބަކާއިހުރެހެއްޔެވެ؟

ރާއްޖޭގައި އިންފްލޭޝަންގެ ސަބަބުތަކަކީ އެއްބަޔަކުބުނާގޮތުންނަމަ، އިމްޕޯރޓްކުރާ މުދަލުގެ އަގުތައް މައްޗަށްދިއުމެވެ. އަނެއްބަޔަކު ގޯސްކުރަނީހަމަ ތެލުގެ އަގުބޮޑުވުމެވެ. މާލޭގައި ގެދޮރުގެ ކުލިއަގުބޮޑުވުންވެސް އެއްބަޔަކު އިންފްލޭޝަން މައްޗަށްދިއުން މާނަކުރެއެވެ.އެންމެ ގިނައިން ދެކެވޭ ވާހަކައަކީ ސަރުކާރުގެ ބަޖެޓްބޮޑުވެގެންދިއުމެވެ.

އިކޮނޮމިކްސް ޢިލްމުގައި އިންފްލޭޝަން މާނަކުރެވެނީ މުދަލާއި ޚިދުމަތްތަކުގެ އަގުތައް ޖުމްލަގޮތެއްގައި ބޮޑުވަމުންދިއުމެވެ. މަހަކުން އެއްފަހަރު ގިނަ ޢަދަދެއްގެ މުދަލާއި ޚިދުމަތުގެ އަގުތައް ބޮޑުވާ ނިސްބަތް އިތުރުވަމުންދާނަމަ، އިންފްލޭޝަން އިތުރުވުން މެދުވެރިވެދާނެއެވެ. މީގައި ސަމާލުކަންދޭންވީ އަގުތައް ބޮޑުވާ ނިސްބަތަށެވެ. އިންޑިޔާގައި ކުއްލިއަކަށް ފިޔަލުގެ އަގުބޮޑުވެގެންދިއުމުން ރާއްޖޭގައި ފިޔަލުގެ އަގު ބޮޑުވެގެން ހިގައިދާނެއެވެ. އެކަމަކު، ފިޔަލުގެ އަގު ނުހިފެހެއްޓި މައްޗަށް އަރަމުންދާނަމަ، އެއީ އިންޑިޔާގައި ފިޔާއަގުބޮޑުވުން ސަބަބެއްކަމުގައިނުވެ ހިގައިދާނެއެވެ. ޢާންމުގޮތެއްގައި، އިންފްލޭޝަން މައްޗަށްދާނަމަ، ފައިސާގެ އަގުވެއްޓެމުންދާނެއެވެ. މަދު ޢަދަދެއްގެ މުދާގަތުމަށް، ބައިވަރު ފައިސާ ބޭނުންކުރަންޖެހިދާނެއެވެ. ކުއްލިއަކަށް، ޢާއިލާތަކުގެ ޚަރަދުތައް އިތުރުވެ، ލިބޭ އާމްދަނީއިން ދެކޮޅުނުޖެހޭ ޙާލަތަކަށް ވެއްޓިގެން ހިގައިދާނެއެވެ. މިހެންކަމުން އިންފްލޭޝަން ޙައްލުކުރާނީ ކިހިނެއް ހެއްޔެވެ؟

އިންފްލޭޝަންގެ އެންމެބޮޑު ސަބަބަކީ ސަރުކާރުގެ މާލީއިދާރާއެވެ. ނުވަތަ ސެންޓްރަލް ބޭންކެވެ. އިތުރަށް ފައިސާގެ ނޫޓް ޗާޕްކުރާވަރަކަށް (މަނީ ސަޕްލައި އިތުރުވާވަރަކަށް) އިންފްލޭޝަން ދުވަހެއްދުވަހަކަށް މައްޗަށްދާނެއެވެ. އެމެރިކާގައިވެސް އިންފްލޭޝަން އޭރު މައްޗަށްދިޔައީ މިސަބަބާއިހުރެއެވެ. ޖަރުމަނުގައި ދެވަނަ ބޮޑު ހަގުރާމައަށްފަހު އިންފްލޭޝަން އަތްނުފޯރާވަރަށް މައްޗަށްދިޔައީވެސް މިސަބަބާއިހުރެއެވެ. އެހެންކަމުން އިންފްލޭޝަން މައިތިރިކުރަންބޭނުންނަމަ، އިތުރަށް ނޫޓްޗާޕުކުރުން މަދުކުރަންވީއެވެ. ރާއްޖޭގައިނަމަ އިންފްލޭޝަން މައިތިރިކުރުމުގެ އެންމެ ބޮޑު ބާރުއޮތީ އެމް.އެމް.އޭ ގެ އަތުގައެވެ.

އެމް.އެމް.އޭ އިތުރަށް ނޫޓްޗާޕްކުރަނީ، ނުވަތަ މަނީ ސަޕްލައި އިތުރުކުރަނީ ކީއްވެގެން ހެއްޔެވެ؟ އެންމެ ބޮޑު ސަބަބަކީ ސަރުކާރުގެ ޚަރަދުތައް އިތުރުވަމުންދާތީވެ، މި ޚަރަދުތައް ފޫބެއްދުމަށްޓަކައި، ވަގުތީގޮތުން ހޯދަންޖެހޭ ފައިސާއަށްޓަކައެވެ. އެމެރިކާގައި 70 ގެ އަހަރުތަކުގައި އިންފްލޭޝަން އެންމެ ފަހުން ހުއްޓުމަކަށް ގެނައީ މަނީ ސަޕްލައި އިތުރުކުރުން މަޑުޖައްސާލައިގެންނެވެ. އެހެންކަމުން، އެމް.އެމް.އޭ އިން އެންމެ ފުރަތަމަވެސް ގޯސްކުރާނީ ފިނޭންސް މިނިސްޓްރީއެވެ. ފިނޭންސް މިނިސްޓްރީއިން ގޯސްކުރާނީ އެހެނިހެން މިނިސްޓްރީއިން ހުށަހަޅާފައިވާ ބޮޑެތި ބަޖެޓުތަކެވެ. އެހެނިހެން މިނިސްޓްރީތަކުން ގޯސްކުރާނީ ކާކުހެއްޔެވެ؟ ރައްޔިތުންނެވެ. މިނިސްޓްރީތަކުގެ ކިބައިން އެކިއެކި ކަންތައްތައް ބޭނުންވަނީ ރައްޔިތުންނެވެ. ފަޅުފުންކުރުމާއި، ބަނދަރު ހެދުމުގެ ވާހަކައާއި، ޓެކްސްޓްފޮތާއި، އެހެނިހެން ޚިދުމަތްތަކަށް ޚަރަދުކުރުމަށް އެދެނީ ރައްޔިތުންނެވެ. ރައްޔިތުންގެ ޑިމާންޑްތައް އިތުރުވާރަކަށް ސަރުކާރުގެ ޚަރަދުތައް އިތުރުވެ، ބަޖެޓް ޑެފިސިޓްވެގެންދާނެއެވެ. އަދި މިކަމުގެ ސަބަބުން އެމް.އެމް.އޭ އިން ނޫޓް ޗާޕްކުރުން އިތުރުކުރަމުންދާނެއެވެ. އިންފްލޭޝަން އިތުރުވާނެއެވެ. މިކަމުގެ ޙައްލަކީ ކޮބައިހެއްޔެވެ؟

އިލްފްލޭޝަންއާއި، އެހެނިހެން އިޤްތިޞާދީ މައްސަލަތައް ޙައްލުކުރުމުގައި އެންމެ މުހިންމު އެއްކަމަކީ ސެންޓްރަލްބޭންކް ފިނޭންސް މިނިސްޓްރީއާއި، ސަރުކާރުގެ ބާރުނުފޯރާ މުސްތަޤިއްލު ތަނަކަށްހެދުމެވެ. ލެޓިން އެމެރިކާގެ ޤައުމުތަކުންވެސް ފަހަކަށްއައިސް ހޯދާފައިވާ ކުރިއެރުމުގެ އެއް އަސްލަކީ ސެންޓްރަލް ބޭންކް އިންޑިޕެންޑެންޓްކުރުމެވެ. ދާދިފަހުން ރާއްޖޭގެ ސެންޓްރަލްބޭންކް، އެމް.އެމް.އޭވެސް ވަނީ ޤާނޫނެއްގެ ދަށުން މުސްތަޤިއްލުތަނަކަށްވެފައެވެ. އެހެންކަމަށްވާނަމަ، އެމް.އެމް.އޭ ގެ ގަވަރނަރަށް ފިނޭންސް މިނިސްޓްރީގެ ނުފޫޒު ފޯރައިގެންނުވާނެއެވެ. ގަވަރނަރަކީ، ފިނޭންސް މިނިސްޓަރު އަންގާހާ ކަމަކަށް ތަބާނުވާ، ފިނޭންސް މިނިސްޓަރަށް ޖެހިލުންނުވާ މީހަކަށްވާންޖެހެއެވެ. އެމް.އެމް.އޭ ގެ މުސްތަޤިއްލުކަން އެންމެ ފުރިހަމަ މާނައިގާ އޮތްކަމުގައިވާނަމަ، ރާއްޖޭގެ އިންފްލޭޝަން މައިތިރިކުރުމުގެ ބާރު އެމް.އެމް.އޭ އަށް ލިބިގެންވެއެވެ.

އަނެއްކަމަކީ ސަރުކާރުގެ ޚަރަދުތައް ބޮޑުވެގެން ދިއުމުގެ ވާހަކައެވެ. ރާއްޖޭގައި ފަހަކަށްއައިސް އިސްރާފުގެ ބައިވެސް ވަނީ ވަރަށް ބޮޑުތަން އިތުރުވެފައެވެ. އޮފީސްތަކުގެ ބަޖެޓުން ކޮންމެ މަހަކުވެސް އެތައް ފައިސާއެއް ތަފާތު ޙަފްލާތަކާއި، ރަމްޒީކަންކަމުގައި ބޭކާރުވެގެން އެބަދެއެވެ. ކުރެވޭ މަސައްކަތާއި އަޅާބަލާއިރު ސަރުކާރުގެ ވުޒާރާތަކުގެ މުވައްޒިފުންގެ ޢަދަދުވެސް ގިނަވެފައެވެ. ބޮޑެތި މުސާރަ ލިބޭ، ނަމަވެސް އެދެވޭ ޚިދުމަތެއްނުކުރާ މުވައްޒިފުންގެ ޢަދަދުވެސް މިވަނީ މާގިނަވެފައެވެ. އެހެންކަމުން އިންފްލޭޝަން ޙައްލުކުރުމުގައި، ފިނޭންސް މިނިސްޓްރީއާއި، އެމް.އެމް.އޭ ގެ ޒިންމާ ވަރަށް ބޮޑެވެ. އެންމެ ބޮޑު އެއް ޙައްލަކީ ސަރުކާރުގެ ސައިޒު ކުޑަކުރުމެވެ.

1 comment:

  1. Naseer,

    The Dhivehi type is very hard to read... perhaps cos I don't have the correct font?

    ReplyDelete