Saturday, June 8, 2019

މުޅި ދުނިޔެ މިދަނީ ނަގުދު ފައިސާއާއި ދުރަށް


ރާއްޖޭގައި ލައިސެންސް ދެވިގެން 8 ބޭންކު ޚިދުމަތްދެމުން ގެންދާއިރު، ޖުމްލަ 52 ބޭންކު ބްރާންޗު އަދި 120 އޭޓީއެމް މެޝިން ވަނީ ޤާއިމްކުރެވިފައެވެ. މިއާއިއެކު ފާހަގަވާ ކަމަކީ، ދުނިޔޭގެ ގިނަ ގައުމުތަކާއި އަޅާ ބަލާއިރު ރާއްޖޭގައި ނަގުދު ފައިސާ ބޭނުންކުރާ މިންވަރު ނިސްބަތުން ބޮޑުކަމެވެ. ބޭންކުތަކުން ނަގުދު ފައިސާގެ ގޮތުގައި ނެގޭ މިންވަރު ވަރަށް ބޮޑުކަމެވެ. ވިޔަފާރީގެ މުއާމަލާތްތަކުގައި ނަގުދު ފައިސާ ބޭނުންކުރާ މިންވަރު އިތުރުކަމެވެ. މަސްވެރިން، ދަނޑުވެރިން، އަދި ކުދި ވިޔަފާރިތަކުގައިވެސް، އަދި ތެޔޮ އެޅުންފަދަ ޢާންމުކޮށް ގިނަގިނައިން ލިބިގަންނަ ޚިދުމަތްތަކުގައިވެސް ނަގުދު ފައިސާއަށް ބަރޯސާވާންޖެހިފައިވާ މިންވަރު ރާއްޖޭގައި ވަރަށް ބޮޑެވެ. އެހެނަސް، ދުނިޔޭގެ އެހެނިހެން ގިނަ ގައުމުތަކުގައި މިހާރު ގިނަ މުއާމަލާތްތައް ހިގަނީ ޑިޖިޓަލްކޮށް، މޮބައިލް ފޯނުފަދަ ވަސީލަތްތައް ބޭނުންކޮށްގެންނެވެ. އެފްރިކާގެ އެންމެ ފަގީރު ގައުތަކުން ފެށިގެން، ޔޫރަޕުގެ އެންމެ މުއްސަދި ގައުމުތަކުގައިވެސް، މިހާރު ފައިސާ ދެއްކުމުގެ ނިޒާމު ބަރޯސާވެފައިވަނީ މޮބައިލް ފޯނަށާއި، ފަރުދުންގެ އިގިލީގެ ނިށާނަށެވެ.

އިންޑިއާގައި، ނަރެންދުރަ މޯޑީ 2014 ވަނަ އަހަރު ބޮޑުވަޒީރުކަމާއި ހަވާލުވުމާއިއެކު ހުރިހާ ބޭންކުތަކަށް އަންގެވީ އިންޑިއާގެ އެންމެނަށް ބޭންކު އަކައުންޓް ހުޅުވައިދިނުމަށެވެ. މިގޮތުން 360 މިލިއަން އެކައުންޓް އިތުރަށް ހުޅުވިގެން ދިޔައެވެ. މިއާއިއެކު 2016 ވަނަ އަހަރު ގާއިމްކުރެވުނު ޔުނިފައިޑް ޕޭމަންޓް އިންޓަފޭސް (ޔޫ.ޕީ.އައި) އާއިއެކު، 'ޕޭޓީއެމް' ފަދަ، އަދި 'ފޯންޕޭ' ފަދަ ކުންފުނިތަކުން ޑިޖިޓަލް ޕޭމަންޓްގެ ޚިދުމަތްތައް ގިނަ ބަޔަކަށް ދޭން ފެށިއެވެ. ވޭތުވެދިޔަ 2 އަހަރުގެ ތެރޭގައި އިންޑިއާގައި ޑިޖިޓަލް ޕޭމަންޓްތައްވަނީ 50 ގުނަ އިތުރުވެފައެވެ.

ބަންގްލަދޭޝްގައި 2011 ވަނަ އަހަރު ގާއިމްކުރެވުނު "ބީކޭޝް" މޮބައިލް ޕޭމަންޓް ޚިދުމަތާއިއެކު އެތައް މިލިއަން ބަޔަކަށް ވަނީ ބޭންކިން ޚިދުމަތް ލިއްބައިދީފިއެވެ. މީގެ އިތުރުން، ކެންޔާ ފަދަ ގައުމުތަކުންވަނީ ނަގުދު ފައިސާއަށް ބަރޯސާނުވެ، މޮބައިލް ފޯނުން މާލީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި މުޅި ދުނިޔެއަށް ނަމޫނާ ދައްކާފައެވެ. އަދި ޕާކިސްތާނުފަދަ ބޭންކިން ޚިދުމަތް ބޭނުންކުރާ ނިސްބަތް މަދު ގައުމުތަކުންވެސް  މިހާރު މިސްރާބު ހުރީ މޮބައިލް ފޯނުގެ ޒަރީއާއިން ފައިސާ ދެއްކުމުގެ ނިޒާމެއް ގާއިމް ކުރުމަށެވެ.

ރާއްޖޭގެ ރަށްތައް ގުދުރަތީ ގޮތުން މިވަނީ ކަނޑުގެ ޒަރީއާއިން ވަކިވެފައެވެ. އަދި ޖުމްލަ 188 ރަށުގައި މީހުން ދިރިއުޅެމުން ގެންދެއެވެ. މީގެ އިތުރުން 135 ރަށުގައި ޓޫރިސްޓުންނާއި، ރިސޯޓު މުވައްޒިފުން އުޅެމުން އެބަދެއެވެ. މިއާއިއެކު، މި ހުރިހާ ރަށެއްގައި ބޭންކެއް ނުވަތަ ބޭންކެއްގެ ބުރާންޗެއް ނުވަތަ އޭޓީއެމް އެއް ބެހެއްޓުމަކީ ނުހަނު ޚަރަދު ބޮޑު އަދި އުދަގޫ ކަމެކެވެ. މިހެންކަމުން، ރާއްޖެފަދަ ޖަޒީރާ ގައުމެއްގައި، ވީހާވެސް ގިނަ ބަޔަކަށް، ނުވަތަ އާބާދީގެ އެންމެނަށް ބޭންކިން ޚިދުމަތް ފޯރުކޮށްދެވޭނެ އެންމެ ފަސޭހަ މަގަކީ މޮބައިލް ފޯނު މެދުވެރިކޮށް ބޭންކުން ލިބޭ ހުރިހާ ޚިދުމަތެއް ލިބިގެންދިއުމެވެ. ރާއްޖޭގައި މޮބައިލް ފޯނު ބޭނުންކުރާ ނިސްބަތް އިތުރެވެ. އަދި ބޭނުންކުރެވޭ ފޯނުތަކުގެ ފެންވަރުވެސް ދުނިޔޭގެ އެހެނިހެން ގައުމުތަކާ އަޅާ ބަލާއިރު ނިސްބަތުން ރަގަޅެވެ. މިހެންކަމުން، ރާއްޖޭގެ ހުރިހާ އެންމެނަށްވެސް، މޮބައިލް ފޯނު މެދުވެރިކޮށް މާލީ މުއާމަލާތްތައް ކުރުމުގެ މަގު ފަހިވެއްޖެނަމަ، ކޮންމެ ބޭންކެއްގައި އެކައުންޓެއް އޮތްކަމުގައި ވިޔަސް، ފަސޭހަކަމާއިއެކު، ވަގުތުން ވަގުތަށް ފައިސާ ދެއްކިގެން ދާނެއެވެ. އަދި މިކަމުގެ ސަބަބުން އިގްތިޞާދީ ހަރަކާތްތައް އިތުރުވެ، ތަރައްގީއަށް އިތުރު ހަލުވިކަމެއް ލިބިގެންދާނެއެވެ.